ރާއްޖޭގެ ބައެއް ރަށްރަށުގައި ހޮސްޕިޓަލު އެޅުމަށް ކުވައިތު ފަންޑުން ފައިސާ ހަމަޖައްސާފައިވާ މަޝްރޫޢުތައް ހިންގާނެ ކުންފުނިތައް ކަނޑައެޅުމުގައި ކުރީ ސަރުކާރުން ކުވައިތު ފަންޑުގެ އުސޫލާ ޚިލާފުވެގެން އެ ފަންޑުން ހަމަޖެއްސި ފައިސާ ނުދިނުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެން، ކުރީ ސަރުކާރުގައި ބައެއް ރަށްރަށުގައި ކުރީ ސަރުކާރުން އަޅަން ފަށާނެކަމަށް އިއުލާނުކުރި ހޮސްޕިޓާތަކުގެ މަސައްކަތް ކުރިއަށްނުގޮސް އޮތް ސަބަބާ ގުޅޭ ގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޑރ.ޚަލީލު ވިދާޅުވެފައިވަނީ އެ މަޝްރޫޢުތައް މަޑުޖެހިފައިހުރީ އެ މަޝްރޫޢުތައް ހިންގުމަށް ކުވައިތު ފަންޑުން ދިން ފައިސާ ނުދިނުމަށް އެ ފަންޑުން ނިންމުމާ ގުޅިގެން ކަމަށެވެ.
ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި ހޮސްޕިޓަލު އެޅުމަށް އެކި ފަރާތްތަކާއެކު ކުރީ ސަރުކާރުން އެއްބަސްވުންތަކުގައި ސޮއިކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ. އެއިރު އެ 7 ރަށުގައި ހޮސްޕިޓަލު އެޅުމަށް އެއްބަސްވުން ހެދީ 540 ދުވަހުގެ ތެރޭގައި އެ މަޝްރޫޢުތަކުގެ މަސައްކަތް ނިންމާ ގޮތަށެވެ.
ކުވައިތު ފަންޑުގެ އެހީގައި ހޮސްޕިޓާ އަޅަން ހަމަޖެހުނު ރަށްތައް
- ހދ.ހަނިމާދޫ
- ށ.މިލަންދޫ
- ނ.ވެލިދޫ
- ކ.ތުލުސްދޫ
- އދ.މާމިގިލި
- ވ.ފެލިދޫ
- ތ.ވިލިފުށި
މިރަށްތަކުގެ ތެރެއިން ނ.ވެލިދޫގައި އަޅަން ހަވާލުކުރި ހޮސްޕިޓަލުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު މިއަދު ވަޒީރާ ސުވާލުކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއިރު ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ކުވައިތު ފަންޑުން ފައިސާ ލިބުން ހުއްޓިފައިވެއެވެ. ނަމަވެސް އަލުން އެ ފަންޑުން ފައިސަ ހޯދޭތޯ މިހާރުގެ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.
“ތިވިދާޅުވިހެން ވެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް މިދިޔަ ސަރުކާރުންވަނީ ކަނޑައަޅާފައި. ފަންޑިން ހޯދުމަށްޓަކައި އެއިރު މަސައްކަތްކުރައްވާފައިވަނީ ކުވައިތު ފަންޑުން. އެހެންނަމަވެސް އެއިރު ދިމާވި ބައެއް ސަބަބުތަކާހުރެ ފަންޑިންވަނީ ހުއްޓިފައި.،” ޚަލީލު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މަސައްކަތްކުރަމުން އެބަގެންދަން އެހެންނަމަވެސް ކުވައިތު ފަންޑުގެ އެފައިސާ އެފަންޑިން އަނބުރާ އަޅުގަނޑުމެންނަށް ހޯދޭތޯ ނޫނިއްޔާ އެހެން ސޯސްއެއް މެދުވެރިކޮށްވިޔަސް އެ ޕްރޮޖެކްޓުތައް ކުރިއަށް ކުރިއަށްގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން،”