ރައީސް މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ސިލްސިލާގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ހިޔާ ފްލެޓެއްގައި ދިރިއުޅޭ ނިޝްރީނާ މޫސާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނިޝްރީނާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފައެވެ. އަދި އެ ސަރަހައްދުގައި އެފަދަ ވަސީލަތްތައް ޤާއިމުކުރެވޭނީ ކޮންއިރަކުތޯ ރައީސްއާ ސުވާލުކުރިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހިޔާ ސަރަހައްދުގެ ކަންކަން ހުރީ އެއްވެސް ގޮތަކަށް ކުރިއަށްނުގެންގޮސް ކަމަށެވެ. ވަރަށް އަވަހަށް ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން މީހުންނާއި ގުޅިގެން ކުޅިވަރު ކުޅޭނެ އެކި ކަހަލަ ވަސީލަތްތައް ޤާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ކަނބަލުންނަށް ބޭނުންވާ އެކި ކަހަލަ ހޭންޑް ބޯޅަ ކޯޓުތަކާއި އެކި ކަހަލަ ކޯޓުތައް ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ހިތްފަސޭހަ މައިދާންތައް ވެސް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ހިޔާ ސަރަހައްދުގެ ކަންކަން އެއްވެސް ގޮތަކަށް ނުކޮށް ހުރީ އެހެންނަމަވެސް އަޅުގަނޑުމެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް އެއީ ކުޅިވަރު ކުޅޭ ކޯޓުތަކާއި ޕާކުތަކާއި ހިތް ފަސޭހަ މައިދާންތައް ހަދަން ނިންމާފައި އޮތީ، ހިޔާ ސަރަހައްދަކީ ރައްޔިތުން އެންމެ ގިނައިން އުޅޭ އެއް ސަރަހައްދަށްވުމުން ވަރަށް އަވަހަށް ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން މީހުންނާއި ގުޅިގެން ކުޅިވަރު ކުޅޭނެ އެކި ކަހަލަ ވަސީލަތްތައް ޤާއިމުކުރާނަން. އޭގެ ތެރޭގައި ކަނބަލުންނަށް ބޭނުންވާ އެކި ކަހަލަ ހޭންޑް ބޯޅަ ކޯޓުތަކާއި އެކި ކަހަލަ ކޯޓުތައް ހިމެނޭނެ،” ރައީސް ވިދާޅުވިއެވެ.