ޒަކާތް ހައުސްއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެ އިދާރާއަށް އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 829،948ރ އެވެ. އެ މުއްދަތުގައި އެހީ އަށް އެދުނު 69 މީހަކަށް އެހީގެ ގޮތުގައި 740،805ރ ހޭދަކޮށްފައިވެއެވެ.
އެހީ ދީފައިވާ ގޮތުގެ ތަފްސީލް
1 ކެންސަރު ފަރުވާއަށް 245،948ރ
2 ހިތުގެ އޮޕަރޭޝަނަށް 16،962ރ
3 ޓްރާންސްޕްލާންޓަށް 76،329ރ
4 ސިކުނޑީގެ އޮޕަރޭޝަނަށް 16،962ރ
5 އެހެނިހެން 473،746ރ
6 ޒަރޫރީ އެހީގެ ގޮތުގައި 12،750ރ
މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ހުޅުވިގެން ދިޔަ ޒަކާތް ހައުސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މިދިޔަ މަހު 192،432ރ ހޭދަކޮށްފައިވާއިރު، ދީނީ އެކި ޕްރޮޕްރާމުތައް ހިންގުމަށް 374،950ރ ހޭދަކޮށްފައިވެއެވެ.
ފާއިތުވީ ފެބްރުއަރީ މަހު ޒަރޫރީ އެހީއަށް އެދި 69 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.
ބޭސްފަރުވާގެ އެހީއަށް ބަލާލާއިރު 29.4 ޕަސެންޓު ޚަރަދުކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާތަކަށެވެ. އަދި 2 ޕަސެންޓު ހިތުގެ އޮޕަރޭޝަންތަކަށް ދޫކޮށްފައިވާއިރު 9.2 ޕަސެންޓް ދޫކުރެވުނީ ޓްރާންސްޕްލާންޓު ތަކަށެވެ. ސިކުނޑީގެ އޮޕަރޭޝަންތަކަށް 2 ޕަސެންޓު ހޭދަކުރެވުނުއިރު އެންމެ ބޮޑު ޚަރަދެއް ދިޔައީ އެހެނިހެން ބަލިތަކަށެވެ.
ބޭސްފަރުވާއަށް ޚަރަދުކުރި 7 ލައްކަ ރުފިޔާގެ 57.4 ޕަސެންޓު ހޭދަކުރީ އެހެނިހެން ބަލިތަކުގެ ފަރުވާ ބޭނުންވެގެން ހުށަހެޅި ފަރާތްތަކަށެވެ.