އެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މިއަދު ފަށައިގަންނަނީ ފެންސް މަސައްކަތް ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަސް ތެރޭގައި ފެސިލިޓީ ޤާއިމު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކައުންސިލުން ވެސް މަސައްކަތް ކުރަމުން ގެންދަނީ ވަރަށް އަވަހަށް މަސައްކަތް ނިންމާލުމަށް ކަމަށެވެ.
“މިއަދު އަޅުގަނޑުމެން މި ފަށައިގަންނަނީ ފެންސް މަސައްކަތް، އެ މަސައްކަތް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ، ހަމައެއާއެކު މިއަންނަ ހަފްތާގެ ތެރޭގައި އިމާރާތުގެ މަސައްކަތް ފަށައިގަނެވޭތޯ މިއުޅެނީ. މާލޭގެ ރައްޔިތުންނަށް ވަރަށް ދަތިވެފައި އޮތްކަމެއް ބުޅަލުގެ މައްސަލައަކީ. އަޅުގަނޑު ޤަބޫލު ކުރަނީ މުޖުތަމައުއެއް އުފެދި ކުރިއަށްދާއިރު އެ މުޖުތަމައު ތެރޭގައި ލޯތްބާއި އޯގާތެރިކަން އުފައްދަން ޖެހޭ ކަމަށް. ޖަނަވާރު ދެކެ ލޯބިވާ މުޖުތަމައު އަކީ ވަރަށް އޯގާތެރި މުޖުތަމައުއަށް. ކުރިއަށްއޮތް ދެމަސް ތެރޭގައި ފެސިލިޓީ ޤާއިމު ކުރެވޭނެ ކަމަށް، ބުޅާތައް ނިއުޓަރ ކުރެވިގެން މިތާނގައި ގެންގުޅެވޭނެ. ސަރުކާރުން ވެސް ވަރަށް ބޮޑަށް ބާރު އެބައަޅާ މި މަސައްކަތް އަވަހަށް ކުރުމަށް، ކައުންސިލުން ވެސް މަސައްކަތް ކުރަމުން ގެންދަނީ އެ އަމާޒަށް،” އާޒިމް ވިދާޅުވިއެވެ.
ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާއިރު، އެތަން ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. އަދި މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް އެ ތަނަށް ބަދަލުކޮށް، ފަރުވާ ދެވޭނެ އިންތިޒާމު ވެސް ހުންނާނެއެވެ