ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު މަޤާމާ ހަވާލުވިއިރު ސްކޫލްތަކާ ގުޅޭ މަޝްރޫއުތަކެއް ކުރީ ސަރުކާރުން ފެށުމަށްފަހު ފައިސާ ނުދީ ހުރި ކަމަށާއި އެފައިސާގެ ތެރެއިން މިހާރު 90 މިލިޔަން ރުފިޔާ ދެއްކިއްޖެ ކަމަށެވެ.
ޝަފީއު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ސްކޫލްތަކާއި ގުޅޭ 107 މަޝްރޫއެއް ހިންގަމުންދިޔަ ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކަށް ދައްކަންޖެހޭ ފައިސާގެ ލަސްތަކެއް ހުރުމުން ބައެއް މަޝްރޫއުތައް ހުރީ ހުއްޓިފައެވެ.
އެ ހުރިހާ މަޝްރޫއުތަކަށް 128 މިލިއަން ރުފިޔާ ދައްކަން އޮތުމާއެކު، މަގާމާ ހަވާލުވެ އެންމެ ބޮޑު އިސްކަމެއް ދެއްވީ ހުއްޓިފައިވާ މަޝްރޫއުތައް ވީހާވެސް އަވަހަށް ފެށުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
“އެގޮތުން ގާތްގަނޑަކަށް އެބިލުތަކަށް 90 މިލިއަނެއްހާ ރުފިޔާ، 128 މިލިއަން ރުފިޔާގެ ތެރެއިން، އަޅުގަނޑުމެނަށް ދެއްކިއްޖެ.” ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަގާމާ ހަވާލުވިއިރު 107 މަޝްރޫއު ހިނގަމުންދިޔަ ކަމަށާއި މިހާރު ފެށިފައިވާ މަޝްރޫއުތަކާއެކު ޖުމުލަ 130 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ. އެ މަޝްރޫއުތަކުގެ ތަފްސީލާއި ފައިސާގެ އަދަދު ފަހުން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.