“ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ކުރީ ސަރުކާރުންވެސް ވަނީ ބައެއް ފަރާތްތަކަށް ބިމާއި ރަޖިސްޓްރީ ހަވާލުކޮށްފައެވެ.
އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރ މުހައްމަދު ސިރާޖު ވިދާޅުވީ، މި ސްކީމްގެ ދަށުން ބިން ދޫކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާއިރު، ބިން ލިބުނު ބައެއް ފަރާތްތަކަށް ބިން ހަވާލު ކުރެވި، އިންފާރު ރޭނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
“އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ބައެއް ހުރަސްތަކާއި ހުރެ ބައެއް ފަރާތްތަކަށް އިން ވަކިކޮށް، ބިން ހަވާލު ކުރުމުގައި ލަސްކަމެއް އެބަހުރި،”. އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިގޮތަށް ގޯތި ދޫކުރިއިރު ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކްއަށް އަރާ ގޮތަށް ގިނަ ގޯތިތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި ގޯތިތައް ދޫކުރުމުގެ ކުރިން މި ނެޓްވޯކްތައް ގޯތިތަކުގެ ތެރެއިން ނާރާނެ ގޮތަށް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ސިރާޖް ވިދާޅުވިއެވެ.
އެގޮތުން މި މަސައްކަތްތައް ސްޓެލްކޯ އާއި އެމްޑަބްލިވްއެސްސީއާ ގުޅިގެން ކުރަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ރޭވުންތެރިކަމާއެކު ސާވިސް ލައިން ބަދަލުކޮށްގެން ނޫނީ މި ސަރަހައްދުން ދޫކޮށް ހުރި ގޯތިތައް ކަނޑައަޅާ ބިންވެރިންނާއި ހަވާލު ކުރުމަކީ ވަރަށް ދަތިކަމެއް، އިން ވަކިކޮށް ބިން ހަވާލު ކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލާ ގޮންޖެހުންތައް ހައްލުކޮށް ގޯތީގެ ވެރިންނާއި ބިން ހަވާލު ކުރުމުގެ މަސައްކަތް އެޗްޑީސީގެ ފަރާތުން ކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،”. އޭނާ ވިދާޅުވިއެވެ.