ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ ވެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވެއިތު ފަންޑު މެދުވެރިކޮށް ފަންޑިން ހޯދަން ކުރީ ސަރުކާރުން ނިންމި ކަމަށެވެ.
“ނަމަވެސް އޭރުގައި ދިމާވި ބައެއް ކަންތައްތަކާ ހުރެ ފަންޑިން ވަނީ ހުއްޓިގެން ގޮސްފައި، ދެން ސަރުކާރުގެ ވަރަށް ފަހުކޮޅުގައި އެ ޕްރޮޖެކްޓުގެ މަސައްކަތްތައް ދައުލަތުގެ ބަޖެޓުން ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތްކަމުގައިވީ ނަމަވެސް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަން ފާހަގަކޮށްލަން.” ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ކުރީ ސަރުކާރުން މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އެ މަސައްކަތް ހިމަނާފައި ނުވާ ކަމަށާއި ކުވެއިތު ފަންޑުން ދިން ފައިސާ އަނބުރާ ނަގާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުވެއިތު ފަންޑުގެ އެހީ އަލުން ހޯދުމަށް ކަމަށާއި އެހީ ނުލިބުނުނަމަ އެހެން ގޮތަކުން ފަންޑިން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުވެއިތު ފަންޑުން ލިބުނު ފައިސާ އަނބުރާ ގެންދިޔަ ސަބަބާ ގުޅޭ ގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ވަޒީރާ ސުވާލު ކުރައްވައިފައެވެ. މި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ފަންޑިން ކަންތައް ހަމަޖެއްސުމުގައި އެކި އެޖެންސީތަކުން ގެންގުޅެނީ އެކި އުސޫލު ކަމަށާއި އެ އުސޫލުތަކާއި ހިލާފަށް ފަންޑިން ފޯރުކޮށް ނުދޭނެ ކަމަށެވެ.
“މައިގަނޑު ގޮތެއްގައި އިންޓަނޭޝަނަލް ފަންޑިންގ އެޖެންސީތަކަކީ އެ އެޖެންސީން ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ތެރެއިން ޕްރޮކިއުމަންޓް ހަދަންޖެހޭ އެޖެންސީތަކެއް” ހަލީލް ވިދާޅުވިއެވެ.
ރާއްޖެއިން ވަކި ގޮތަކަށް އެ މަރުހަލާ ކުރިޔަށް ގެންދަން ބޭނުންވާތީ ކުވެއިތު ފަންޑުން ވަނީ އެކަން ހުއްޓާލާފައި ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.
“ކުވެއިތު ފަންޑުގެ ޕްރޮކިއުމަންޓުގެ އުސޫލާ ހިލާފަށް ދިޔަ ކަަމަށްވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ.” ހަލީލް ވިދާޅުވިއެވެ.