ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްއިން ތަހުގީގު ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޫތު ވިދާޅުވީ، އާރްޑީސީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ދައުރު ކުރުވާފައި ހުރި ކަމަށާއި ކޮވިޑުގެ ހާލަތު ނިމުމުން ވެސް އެ އިސް މުވައްޒަފުން ކަންތައް ކުރީ އެހެން ކަމަށެވެ.
ލޫތު ވިދާޅުވީ އެ އިސް ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހިޔާނަތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި ވަރަށް އަވަހަށް ޕީޖީ އޮފީހަށް މައްސަލައިގައި ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ. މި ހިޔާނާތް ހިންގާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހާއި ހަމައަށެވެ.
“އާންމު އުސޫލުން އާރްޑީސީން ވެސް މުއާމަލާތްތައް ހިންގަނީ ޗެކެއް މެދުވެރިކޮށް ފައިސާ ނަގައިގެން، އެހެންނަމަވެސް ކޮވިޑުގެ ހާލަތުގައި ޗެކް މެދުވެރިކޮށް ފައިސާ ނެގުމުގައި ދަތިތަކެއް ހުރުމުން، އާރްޑީސީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ދައުރު ކުރުވާފައި ހުރީ، އެހެންނަމަވެސް ކޮވިޑުގެ ހާލަތު ނިމުމުން ވެސް އެގޮތަށް ކަންތައްތައް ކުރީ. އެ ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހިޔާނަތްތެރިވެފައިވާކަން ތަހުޤީޤަށް ވަނީ ހޯދިފައި. އުންމީދު ކުރަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕީޖީ އޮފީހަށް މައްސަލައިގައި ދައުވާ ކުރަން ފޮނުވޭނެ ކަމަށް،” ލޫތު ވިދާޅުވިއެވެ.
އިސްކަންދަރު ކޮށީގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ މި މައްސަލައިގައި ތިން މީހަކު އުޅޭ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އިތުރު 15 ވަރަކަށް މުވައްޒަފުންގެ ބައިވެރިވުން މި މައްސަލައިގައި ހިމެނޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ތިން މީހުންގެ ތެރެއިން އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން، އަނެއް މީހާގެ އެކައުންޓަށް ދެ މިލިއަން އަދި ތިންވަނަ މީހާގެ އަމިއްލަ އެކައުންޓަށް ތިން މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ނާފިޒު ވިދާޅުވިއެވެ.
“އެކެއްގެ އެކައުންޓަށް 219 ޓްރާންސެކްޝަން ހެދިފައި ހުރިކަން އެބަ އެނގޭ، އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ގޮތް އެއީ ހޯދަންޖެހޭ ކަމެއް، ކޮންމެ ޓްރާންސެކްޝަނެއްގެ މައުލޫމާތު ވަކި ވަކިން ހޯދާ އެމީހުންނާއި ސުވާލުކުރަންޖެހޭ، ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެކައުންޓްތަކަށް އާރްޑީސީގެ ފައިސާ ޖަމާވެފައިވޭ، އެކެއްގެ އެކައުންޓަށް އެބަހުރި އެކި ފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައި،” ނާފިޒް ވިދާޅުވިއެވެ.
ނާފިޒް ވިދާޅުވީ އާރްޑީސީއާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ އެކައުންޓަށް ފައިސާ ވަދެފައިވާ ކަމަށާއި މި މަސައްކަތް ކުރަމުންދިޔައިރު އިއެމީހާގެ ކުންފުންޏަކަށް 393،000 ރުފިޔާ ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ފައިސާ ބޭނުންކުރަންޖެހޭ އެންމެ އަސާސީ މިންގަނޑާ ހިލާފަށް އާރްޑީސީން ފައިސާ ރޯލް ކޮށްފައި ހުރިކަމަށް ވެސް ވިދާޅުވެފައެވެ.
އާރްޑީސީގެ އޮފީހުގައި ހިންގި އެތައް ގަޑި އިރުގެ ތަހްގީގަކަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެންދިޔައެވެ. އާރުޑީސީގެ އެކައުންޓުގައި ހުރި 13.8 މިލިއަން ރުފިޔާ ވަގަށް ނަގައި އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފުލުހަށް ހުށަހެޅި އެ އިދާރާއިން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ހާމަވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.