އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީއިން ކުރާ ކަމެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެހެންކަމުން މުޅި ޕްރޮޖެކްޓްސް ސްޓޭޓަސް ދެނެގަނެ، އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ އިދާރީ އިންތިޒާމު އެ މިނިސްޓްރީއިން މިހާރު ވާނީ ގާއިމްކޮށްފައި ކަމަށެވެ.
” 2025 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒު.” ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން ނިމިދިޔަ ސަރުކާރުން ވަނީ ކުޑަކުދިންގެ ޕާކް އެޅުމަށް ގިނަ ރަށްތަކަކަށް ސާމާނު ވެސް ހަވާލުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު 14 ރަށަކަށް ސާމާނު ހަވާލުކޮށްފައިވެއެވެ. ނަމަވެސް ޕާކްތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވެ އެ ޕާކްތައް ގިނަ ފަހަރު ފެންނަނީ ކައުންސިލްތަކަށް ނޭޅޭ މަންޒަރެވެ.