އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެގޮތުން މި ވީ 18 ދުވަސްތެރޭގައި 35 ދަތުރު ކޮށްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު “ވަގުތު” އަށް ވަނީ ވިދާޅުވެފައެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ޑޭޝް8ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެއެވެ. އެއާ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.
އެއާ އެމްބިއުލާންސްގައި ބަލި މީހާ ރާއްޖެއިން ބޭރަށްވެސް ގެންދެވޭނެ ކަމަށް މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އައިލެންޑު އޭވިއޭޝަންގެ އޮފިޝަލު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ބޭރަށް ބަލި މީހަކު އުފުލައި ދިނުމަށް ރިކުއެސްޓެއް އައިސްފައިނުވާ ކަމަށެވެ. އަދި އެއާ އެމްބިއުލާންސްގެ ސީ ޕްލޭންގައިވެސް މިހާތަނަށް ބަލި މީހަކު އުފުލުމަށް ރިކުއެސްޓެއް އައިސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ރައީސް މުއިއްޒުގެ ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއާ އެމްބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އަދި ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއަރ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.