އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި އިންސްޓްޓިއުޓްގެ ސަބަބުން، ރަށުގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާ އެކު ތިބެގެން އެ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ. އަދި އެކަށޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް ވެސް މަގުފަހިވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޕްރޮޖެކްޓް ނިމޭއިރު:
– ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓްގެ ބައިތަކުގެ އިތުރުން އެކޮމަޑޭޝަންގެ ހިދުމަތް ލިބޭނެ
– އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދޭނެ
– ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ
– ކްލާސް ރޫމްތަކާއި، އައިސީޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއް ހުންނާނެ
– އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމެއް ހަދާނެ
– ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތައް ހަދާނެ
– ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރުތަކެއް ހުންނާނެ
– ނަމާދުކުރާނެ ތަނަކާއި ފާހަނާ އާއި ލިފްޓާއި ފަސްޓްއެއިޑްގެ ހިދުމަތް ދޭނެ
އެ ތަން އިމާރާތްކުރަން ތުލުސްދޫ އިން 32،581 އަކަފޫޓްގެ ބިމެއް 50 އަހަރަށް ވަނީ ދީފަ އެވެ. އަދި ވޯޓާ ސްޕޯޓްސް ދާއިރާގެ ތަމްރީނުތަކަށް 1،200 އަކަފޫޓުގެ ބިމެއް ރަށުގެ އަތިރިމަތިން ހަމަޖައްސާފައިވެ އެވެ.