މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަލަށް ގެނައި ހުރިހާ ބަގީތައް ހުރީ ހަލާކުވެފައި ކަމަށާއި ކުރިން ކައުންސިލުން އެހެން ފަރާތަކަށް ދީގެން ހިދުމަތް ދެމުންދިޔަ ބަގީތައް މަރާމާތުކޮށްގެން ދެ ވަރަކަށް ބަގީއިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
އެހެންކަމުން އާޒިމް ހުށަހެޅުއްވީ ބަގީގެ ހިދުމަތަކީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ހިދުމަތެއް ކަމަށް ވާތީ ބަގީތައް މަރާމާތުކޮށްގެން ކައުންސިލުން އަމިއްލައަށް އެ ހިދުމަތް އޮޕަރޭޓް ކުރުމަށެވެ.
ބަގީގެ ހިދުމަތް އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާނަމަ އަހަރެއްގެ މައްޗަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށާއި ކައުންސިލުން އަމިއްލައަށް އެ ހިދުމަތް ފޯރުކޮށްދޭނަމަ އަހަރެއްގެ މައްޗަށް ޚަރަދުވާނީ 1.58 މިލިއަން ރުފިޔާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ މެންބަރު ނަޙުލާ އަލީ ވިދާޅުވީ ވިލިމާލެއަށް އެންމެ އެކަށީގެން ވާނީ ބަގީގެ ހިދުމަތް ކަމަށާއި އެ ހިދުމަތް ނުލިބޭ މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިލިމާލޭގައި މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ބަގީގެ ހިދުމަތް ދޭން މަސައްކަތް ކުރި ކަމަށެވެ.
ނަހުލާ ވިދާޅުވީ، މިކަން ނުކުރެވިގެން އުޅެނީ ތަޖުރިބާ ނެތް އަމިއްލަ ކުންފުނިތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަވާލު ކުރާތީ ކަމަށެވެ. އަދި ކައުންސިލުން އެ ހިދުމަތް ފެށުމަށް ނަހުލާ ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި އެކަމަށް މޭޔަރަށް ޝުކުރު އަދާކުރައްވާ ނަހުލާ ވަނީ މޭޔަރުގެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.