މިޚިދުމަތް ފަށަން ހަމަޖެހިފައިވަނީ މާދަމާއެވެ. މިކަމަށްޓަކައި ބޭނުންކުރާ ސީޕްލޭން މިހާރުވަނީ ބޭނުންވާ ވަސީލަތްތަކާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ހަރުދަނާ އުޞޫލެއްގެ ތެރެއިން ދިނުމަށް ޑޭޝް 8 މަރުކާގެ ބޯޓަކާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
އަތޮޅުތަކުގެ ގިނަ ރަށްތަކަކީ އެއަރޕޯޓުގެ ޚިދުމަތް ލިބެން ނެތް ތަންތަނަށްވުމުން ނޭޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ގޮތަކަށް ދިނުމަށް ސީޕްލޭންގެ ބޭނުން ކުރުމަށް ސަރުކާރުން މިވަނީ ތައްޔާރުވެފައެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި ޞިއްޙަތާ ބެހޭ ވުޒާރާއާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސަރވިސްއާއެކު އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި އެމްބިއުލާންސްގައި ކުއްލި ހާލަތުގައި ބޭނުންކުރާ އާލާތްތައް ހަރުކޮށްފައި ހުންނާނެއެވެ. އެގޮތުން އޮކްސިޖަންއާއި، ވެންޓިލޭޓަރާއި، އިމަރޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި ލިބެން ހުންނާނެއެވެ