އެ ކޮމިޝަނުން އާންމު ކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ތަހުޤީޤު ކުރުމުގެ މަސައްކަތަކީ ގިނަ ގޮންޖެހުންތައް ދިމާވާ މަސައްކަތަށްވާއިރު އަބަދުވެސް ދިމާވާ ގޮންޖެހުމަކީ ތަހުޤީޤަށް ބޭނުންވާ ހެކި ހޯދުމުގައި ދިމާވާ ގޮންޖެހުން ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރަކީ ވެސް ހެކީގެ ގޮތުގައި ބައެއް އިދާރާތަކުން ހޯދަން ޖެހޭ ލިޔުން ހޯދުމުގައި އެ އިދާރާތަކުގެ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ލިބިފައިނުވާ އަހަރެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެންނަމަވެސް، އެކަމުގެ އިތުރު ތަފްސީލުތަކެއް އަހަރީ ރިޕޯޓުގައި ނެތެވެ.
ކޮމިޝަނުގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން އަހަރީ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ތަހުޤީޤުތަކަށް ހާޒިރުކުރުމަށް މަސައްކަތް ކުރެވިފައިވާ ބައެއް މީހުން އެކިއެކި ސަބަބުތަކާހުރެ ހާޒިރުވެފައިނުވާތީ ތަހުޤީޤުތައް އެއްކޮށް ނިންމުމަށް ގިނަ ގޮންޖެހުންތައް ދިމާވި ކަމަށެވެ.
މިދިޔަ އަހަރަކީ ރިޔާސީ އާ ދައުރެއް ފެށުނު އަހަރަކަށްވުމުން ވެރިކަން ބަދަލުވުމަށްފަހު ދިޔަ އިންތިޤާލީ މުއްދަތު ވެގެންދިޔައީ ކޮރަޕްޝަންގެ ހިރާސްތައް އިތުރުވެ، ކޮރަޕްޝަނާ ދެކޮޅަށް ކޮމިޝަނުން ކުރާ މަސައްކަތަށް އިތުރު ގޮންޖެހުންތައް ކުރިމަތިވި އަހަރެއް ކަމަށް ވެސް ބުނެފައިވެއެވެ. އިންތިޤާލީ މަރުހަލާގައި އަމަލުކުރާނެ ގޮތުގެ ވަކި ޚާއްސަ ޤާނޫނެއް އެކުލަވާލާފައިނުވުމަކީ ޤާނޫނީ ހުސްކަމެއްގައި އެފަދަ ޤާނޫނެއް އޮތުމުގެ މުހިންމުކަން ފާހަގަވި ކަމެއް ކަމަށް އޭސީސީން ބުންޏެވެ.