ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށުު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުުއްވި “އެންޓި ޑިފެކްޝަން ގާނޫނު”ގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފައެވެ.
ޑިމޮކްރެޓްސްއިން ދެކޭގޮތުގައި އެގޮތަށް އޮޓޯއިން މެމްބަރުން ވަކިވާ ގޮތަށް ގާނޫނު ހެދުމުގެ ބަދަލުގައި ހަދަންވީ މެމްބަރު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުން އެ މެމްބަރު ވަކި ކުރުމާ މެދު ގޮތެއް ނިންމޭ ގޮތެކެވެ.
އެ ބަހުސްގައި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ވިދާޅުވެފައި ވަނީ މެންބަރުން ޕާޓީ ބަދަލުކުރަނީ ހަމައެކަނި އެ މެންބަރު ގޯސްވެގެން ނޫން ކަމަށާއި ޕާޓީގެ ލީޑަރުންވެސް އެކަމުގައި ކުށްވެރިވާ ކަމަށެވެ. އެގޮތަށް ހަދައިފި ނަމަ ޕާޓީގެ ލީޑަރުން ބޭނުންވެގެން މެމްބަރު ޕާޓީއިން ވަކިކޮށްލިޔަަސް ގޮނޑި ގެއްލޭނެ ކަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފާހަގަކުރެއްވިއެވެ.
“އެންޓި ޑިފެކްޝަންގައި ވެއްޖިއްޔާ ސިޔާސީ ޕާޓީއެއްގެ ލީޑަރު ނުވަތަ ރައީސަކު ހިތްހަމަނުޖެހުނީމާ މެމްބަރުން ވަކިކޮށްލާފައި ދެން އޭނާގެ ގޮނޑި ވެސް ދުއްވާލަންވީ ރައްޔިތުންގެ މަޖިލީހުން،” އީވާ އަބްދުﷲ ވިދާޅުވިއެވެ.