މި މަހުގެ 5-7 އަށް އައިޓީބީ ބާލިން ފެއާގައި ރާއްޖޭން ބައިވެރިވުމަށް ފަހު، އެ ކަމުގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމްގެ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށާއި އެހެންކަމުން، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ހޯސްޓުކުރުމަކީ އަމާޒެއް ކަމަށެވެ.
“2026 ވަނަ އަހަރު އައިޓީބީ ފެއާ ހޯސްޓްކުރުމަށް ވާން ޖެހޭ ތައްޔާރީތައް ހަމަޖެއްސުމުގައި ސްޓޭކް ހޯލްޑަރުންނާ އެކީ އެމްއެމްޕީއާރުސީގެ އެމްޑީ އަދި މުޅި ޓީމު އެއްކޮށް ބައްދަލުކޮށް މަޝްވަރާ ކުރާނަން،” ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގެ އެންމެހައި ފަރާތްތައް ގުޅިގެން 2026 ގައި އައިޓީބީ ފެއާގައި ހޯސްޓު ކަންޓްރީގެ ގޮތުގައި ރާއްޖޭން ބައިވެރިވެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.
ޖަރުމަނުގައި އޮންނަ އައިޓީބީ ބާލިން ފެއާ ހޯސްޓުކުރުމުގެ ފުރުސަތު އެކި ގައުމުތަކަށް ދެ އެވެ. އެންމެ ފަހުގެ ފެއާގެ ހޯސްޓުކަން ކުރީ އޮމާނުންނެވެ. އެ ފެއާ ހޯސްޓުކުރާ ގައުމަކަށް ފެއާ ހުޅުވުމުގެ ރަސްމިއްޔާތާއި އަދި އެހެނިހެން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބެ އެވެ.
އައިޓީބީ ފެއާގައި ހޯސްޓު ގައުމެއްގެ ގޮތުގައި ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2016 ވަނަ އަހަރު އެވެ.