ދަނޑުވެރިންނަށް ހާއްސަކޮށްގެން 15 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގްރާންޓް ސްކީމެއް ފެށުމަށް އެގްރިކަލްޗާ މިނިސްޓްރީ އާއި އެސްޑީއެފްސީން އެއްބަސްވުމެއްގައި މިއަދުސޮއިކޮށްފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމަކީ އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗުރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގަމުންދާ “މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް” (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި 15،188،700ރ. ގެ މެޗިން ގްރާންޓެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއް ކަމަށެވެ.
“އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް” ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ސްކީމް އަމާޒުކޮށްފައިވަނީ މެޕްގެ ހަރަކާތްތައް ކުރިއަށް ގެންދާ ހއ.، ހދ. އަދި ށ. އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށް ބަޔާނުގައި ބުންޏެވެ.
“ގްރީން ހައުސްތަކުގައި ހައިޑްރޮފޯނިކްސް ސިސްޓަމް ގާއިމުކޮށްގެން ދަނޑުވެރިކަން ކުރަން ބޭނުންވާ ދަނޑުވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ގްރާންޓަށް އެދި ހުށަހެޅުމަށް ފަހުގެ ތާރީހެއްގައި އިއުލާނު ކުރެވިގެންދާނެ އެވެ،” މިނިސްޓްރީން ބުންޏެވެ.