ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ސައްހަވީ 1976 ފޯމް ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ އެ ޕާޓީން ކޮމިޝަނަށް 3370 ފޯމް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކޮށް ނިމިފައިވާ ކަމަށެވެ.
ފޯމްތަކުގެ ތެރެއިން 1976 ފޯމްގެ ސައްހަކަން ކަށަވަރުވެފައިވާއިރު ބާކީ ހުރި ފޯމްތަކުގެ މައްސަލަތަކަކީ ކޮބައިން މިހާރު އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރާ ބޭފުޅުންނަށް ތަފްސީލުކޮށް ކިޔައިދީފައިވާނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
“އޭގެ ތެރެއިން ސައްހަވީ 1976 ފޯމް، އިތުރަށް ރަނގަޅު ކުރަންޖެހޭ ފޯމްތަކެއް ވެސް އެބަހުރި، އެވާހަކަ ވެސް އެބޭފުޅުންނަށް ދަންނަވާފައި ވާނީ. މިސާލަކަށް މެމްބަރަކަށްވާން ސޮއިކުރާއިރު އޭގެ އެބަހުރި ކުރީގެ ތާރީހުތައް ޖެހިފައި އަދި ސޮއިކޮށްފައި. ރަޖިސްޓްރަރގެ ފަރާތުންނާއި ޕާޓީގެ ފަރާތުން ވެސް ފުރިހަމަ ކުރަންޖެހޭ ބައިތައް ހުރި ފޯމްތައް ވެސް އެބަހުރި. އެކަންކަން ރަނގަޅުކޮށްލުމުން ދެވަނަ ފަހަރަށް ވެސް ބަލައިގަނެވޭނެ ފޯމްތައް އެބަހުރި. ސައްހަކަން ކަށަވަރު ނުވެ 81 ފޯމް އެބަވޭ، އެބޭފުޅުންނަށް އަޅުގަނޑުމެން ވާނީ ހުރިހާ ތަފްސީލެއް އަރުވާފައި،” ހަބީބް ވިދާޅުވިއެވެ.
ޕީއެންއެފަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ މުއައްސިސްކަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމަށްޓަކައި 3،000 މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އަދިވެސް މެމްބަރުން ހަމަނުކުރެވުމުގެ ސަބަބުން ވަނީ ރަޖިސްޓަރ ކުރެވޭގޮތް ނުވެފައެވެ.