ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިިޓީތަކުން ވަކި ސަރަހައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ އެސެސްމެންޓް ހެދުމަށް ފަހު ވެހިކަލް ކެޕޭސިޓީއަކީ ކޮބައިކަން ދެނެގަނެ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަވާދު “ވަގުތަށް” ވިދާޅުވީ މި ގަވައިދަށް ސަރުކާރުން އިސްލާހް ގެނެސްފައިވަނީ މާލޭގައި ދިމާވެފައިވާ ވެހިކަލްގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ.
“ކުރިން ގަވައިދު އޮންނަ ގޮތުން މާ ކޮމްޕްލިކޭޓްވެފައި އޮންނަނީ. އަޅުގަނޑުމެން މި ގަވައިދު ސިމްޕްލިފައި މި ކުރީ. އޭރުން ކައުންސިލްތަކަށް ފަސޭހަވެގެންދާނެ.” އަވާދު ވިދާޅުވިއެވެ.
އަވާދު ވިދާޅުވީ ސަރުކާރުން ގަވައިދަށް ގެނައި އިސްލާހުގެ ސަބަބުން ސިޓީ ކައުންސިލްތަކަށް ވެހިކަލްތައް ގިނަވެ ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ގަވައިދަށް ގެނައި އިސްލާހުގައި ވަނީ، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށާއި ސިޓީ ނުވަތަ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގެ ލޭނުތަކުގެ ޖުމްލަ ދިގުމިނާއި ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނާއި އެ ސަރަހައްދުގައު ޕާކުކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށްޓަކައި ތަފުސީލީ އެސެސްމަންޓުތައް އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ހަދަންވާނެ ކަމަށެވެ.
އޭގެ އިތުރުން، އިސްލާހުގައި ބުނެފައިވަނީ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި ބަލަންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ އެސެންމަންޓުތައް ހެދުމަށްފަހު އެ އެސެސްމަންޓްތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް އެ ރަށެއްގެ ލޭން މީޓަރުގެ ޖުމްލަ ދިގުމިނާއި އެ ރަށަކުން ލިބޭ ޖުމްލަ ޕާކިން އޭރިއާ އެ ރަށެއްގެ ކައުންސިލަކުން ކަނޑައެޅުމަށް ފަހުގައި ކަމަށެވެ.