މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޑރ. މުއިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަންނަވަން ފެއްޓެވީ މިދިޔަ މަހުގެ 6 ގައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ މަތީ އިންސައްތައެއް ލިބުނު ތ. ގުރައިދޫއަށެވެ.
ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހުގައި ރައްޔިތުންގެ އަޑު އެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނު މިއަދު ވަނީ ޅ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ.
އެ ދަތުރުގެ އެންމެ ފަހު މަންޒިލް ކަމަށްވާ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ހުރިހާ ރަށްތަކަށް ވަޑައިނުގެންނެވުނު ކަމުގައިވީ ނަމަވެސް ކައިރީގައި ހުރި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ރައީސް އޮފީހަށް ހާޒިރުކޮށްގެން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.
” އޭގެ ސަބަބުން އަޅުގަނޑަށް ވަރަށް ފަސޭހަވޭ. އެހެންނޫވީ މި ވާގޮތަކީ އޮފީހުގައި ހުރެގެން ރަށްރަށުގައި ހިންގާ ކަންކަން ބަލަންވީމަ އެ އޮންނަ ސަރުކާރުގެ ނިޒާމްގެ ތެރެއިން އެނގޭކަމެއް ވިއްޔާ އެނގޭނީ. ރަށެއްގަ ހިނގަމުންދާ ކަމެއް ރަށަށް ދަތިވާ ކަމެއް ވަރަށް ލަހުން އިނގޭ ނިޒާމެއް އޮންނަނީ. ރައްޔިތުން ގާތަށް ދިޔައީމަ ރައްޔިތުން ބޭނުންވާ ކަންކަން ވަގުތުން އެނގޭ.” ރައީސް ވިދާޅުވިއެވެ.