ހަގީގަތާ ހިލާފު ވާހަކަތަކާ ދުރުވެ، މަޖިލިސް އިންތިހާބަށް ރީތި ކެމްޕެއިނެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް މިއަދު ހަވީރު ނައިފަރަށް ވަޑައިގެން ކުރިއަށް އޮތީ ރޯދަ މަސް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މާތް މަހާ ދިމާކޮށް ހަގީގަތާ އެއްގޮތަށް ރީތި ބަހުރުވައިން ކެމްޕެއިންކޮށް ރީތި އާދަކާދަތައް އާލާކޮށް ދިރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ކާކު ހިންގާ ވެބްސައިޓުތަކެއް ކަން ނޭނގޭ ގޮތަށް އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ވާހަކަތައް ޝާއިއު ކުރަމުންދާ ކަމަށާއި އެފަދަ ކަންކަމާ ދުރުވާން ޖެހޭ ކަމަށެވެ.
“ދިވެހި އަކުރުން ދިވެހި ބަހުން ލިޔެފައި ހުންނަނީ. އެހެންވީމާ ދިވެހިން ކަމަށް މި ބަލަނީ އެ ވެބްސައިޓުތައް ހިންގަނީ،” ރައީސް ވިދާޅުވި އެވެ.
“އެއްވެސް ހާލަތެއްގައި ދޮގަށް ފުރުސަތު ނުދެއްވަން އަޅުގަނޑު އެދެން.”
ރައީސް ވިދާޅުވީ، އަހަރެމެންނަކީ މުސްލިމުންނަށް ވީހިނދު ގުރުއާނުގައި ވެސް އަންގަވާފައި އޮންނަނީ އެފަދަ ނުބައި ކަންކަމާ ދުރުވެ ނަފްސު އިސްލާހުވާން ކަމަށެވެ. އަދި ގައުމަށް ގެންނަން ބޭނުންވާ ހަމަޖެހުން ގެނެވޭނީ އަމިއްލަ ނަފްސު އިސްލާހުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.