“ކްރިޓިސައިޒްވެސް ކުރަންވާނެ. އެއީ ޕޮޒިޓިވް ނުވަތަ ކަންކަން ރަނގަޅުކުރަން ހެޔޮ ނިޔަތުގަ ބުނާ އެއްޗެއް ނަމަ ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔާނަން. އަދި ހިތްހަމަ ނުޖެހިގެން ވިދާޅުވާ އެއްޗެއް ވިޔަސް ފިޔަވަޅެއް ނާޅާނަން.” އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުންޏަކުން މުވައްޒަފަކަށް ފިޔަވަޅު އެޅި އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން ކަމަށް ލިޔެފައި އޮތް ރިޕޯޓެއް ނޫހަކުން ފެނިަވޑައިގެންނެވި ކަމަށެވެ. އެ ލިޔުން ފެނުމާއެކު އެ ކުންފުނީގެ އެމްޑީއަށް ފޯނުން ގުޅުއްވި ކަމަށާއި އަދި ކަން ހިނގައިދިޔަގޮތް އޮޅުންފިލުއްވި ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެމަނިކުފާނަކީ، މީހަކު އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅާނެ މީހެއް ނޫން ކަމަށާއި އެއީ އެއްވެސް އިރެއްގައި ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކޮންމެ މީހަކަށް ވެސް ކޮންމެ އެއްޗެއް ވެސް ބުނެވެން ވާނެ ކަމަށާއި ހިތްހަމަ ނުޖެހޭނަމަ އެ ހުރިހާ ވާހަކައެއް ވެސް ދެއްކެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
“މި ދެންނެވި ސަރުކާރުގެ ކުންފުނީގެ އެމްޑީއަށް އަޅުގަނޑު ވަގުތުން ގުޅުއްވާލާފަ ކަންވީގޮތް އޮޅުންފިލުވިން. ވިދާޅުވީ އެކަން ހިނގައިދިޔަގޮތަށް ނޫން ކަމަށް ވާހަކަ ފެތުރެނީ. އެކަން ވީ ގޮތަކީ ކުންފުނީގެ ޕޮލިސީއާ ވަރަށް ބޮޑަށް ހިލާފުވެ ވަރަށް ސިރިއަސް މައްސަލައެއްގަ ކަމަށް ފިޔަވަޅު އެޅުއްވީ. އަޅުގަނޑު ދެންނެވިން އެހެންވީމަ ރައްޔިތުންނަށް ހަގީގަތް ހާމަކުރަން.” އެމަނިކުފާނު ވިދާޅުވިއެވެ.