ޕީޖީ ހުސެއިން ޝަމީމްގެ ބްލޮގުގައި މިއަދު ޝާއިއު ކުރި ލިޔުމެއްގައި ވަނީ، މިހާރު އެ އޮފީހުގެ ވެބްސައިޓަށް، އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން ވަނުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން “ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން” ކިޔާ ޓެބެއް އޮންނާނެ ކަމަށެވެ. އެޓެބަށް ފިތާލުމުން އޮންލައިންކޮށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ފޯމުގައި ފުރަންޖެހޭ ނަމާއި އެޑްރެހާއި އީމެއިލާއި އެނޫން ވެސް އީފާސްގައި ހުންނަ މައުލޫމާތު ހުންނާނީ އޮޓޮމެޓިކުން ފުރާފައެވެ. އިތުރަށް ފުރަންޖެހޭނީ އެމީހަކަށް ދިމާވި ހާދިސާއާބެހޭ މައުލޫމާތެވެ.
“ގެވެށި އަނިޔާލިބޭ ހާލަތެއްގައި ހުރި މީހަކަށް، ރައްކާތެރި މާހައުލަކަށް (މިސާލަކަށް، ފުލުސް އޮފީހަށް ނުވަތަ އިޖްތިމާއީ ހިދުމަތްދޭ ތަނަކަށް) ދެވުމުން މިފޯމު އޮންލައިންކޮށް ފުރައިލެވޭނެއެވެ. އެމީހަކު އެ ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން ނެގުމުން، އެކޯޓެއްގެ އީމެއިލް އެޑްރެހަށް، އެކޯޓެއްގެ ލެޓަރ ހެޑުގައި، ފޯމު ފޮނުވައިލަދިނުމުގެ ހިދުމަތް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެއެވެ. އަނިޔާލިބޭ ހާލަތެއްގައި ހުރި މީހާ، ފޯމު ހިފައިގެން ކޯޓު ދޮށަށް ހިނގަންޖެހުން މިހިސާބުން ނިމުމަކަށް އައީއެވެ.” ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައިވެއެެވެ.