ޝިޔާމް ވިދާޅުވީ، މި މަހުގެ ފަސް ވަނަ ދުވަހު 50 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރަން ފޮނުވާފައިވާ ކަމަށާއި، މިފްކޯއިން މިހާރު އެ ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހާ ހިސާބަށް މަސްވެރިންނަށް ދޫކުރަން ފޮނުވާފައިވާ ފައިސާއަކީ މި އަހަރުގެ 25 ޖެނުއަރީއާ ހަމައަށް މަސްވެރިންނަށް ލިބެންޖެހޭ ފައިސާއެވެ. އެހެންވެ، އޭގެ ފަހުން ވެސް ކިރާފައިވާ މަހަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގެއް އޮތްކަން ފާހަގަކުރެއްވިއެވެ.
އެ ފައިސާ ހިމެނޭހެން މިހާރު މަސްވެރިންނަށް ނުދެވި ހުރީ 147 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން އޭރު ކޫއްޑޫގައި ކުރިއަށްދިޔަ މުޒާހަރާގައި އަޅުގަނޑުމެން ދެ ޑޭޓެއް ދިނީ، ދެ ޑޭޓެއް ދިންއިރުގައި ދެން ފުރަތަމަ ޑޭޓުގައި ވަކިވަރެއް ވަރެއް، 100 މިލިއަން ރުފިޔާ ފުރަތަމަ ޑޭޓެއް، އެއީ 26 ފެބްރުއަރީ، އެހެންނަމަވެސް 26 ފެބްރުއަރީއަށް ވީއިރުގައި އަޅުގަނޑުމެން 105 މިލިއަން ރުފިޔާ ދެއްކިން 100 މިލިއަންގެ ބަދަލުގައި،” ޝިޔާމް ވިދާޅުވިއެވެ. މަސްވެރިންނަށް ފައިސާ ދިނުން ލަސްވެގެން މަސްވެރިން ވަނީ ކޫއްޑުގައި މުޒާހަރާ ވެސް ކޮށްފައެވެ. އޭރު މަސްވެރިންނަށް 298 މިލިއަން ރުފިޔާ ނުދެވި ހުއްޓެވެ. އެ މުޒާހަރާގެ ބައިވެރިންނާއި މިނިސްޓަރު ޝިޔާމް ވަނީ ބައްދަލު ކުރައްވައި ރޯދައިގެ ކުރިން ފައިސާ ޕޭމަންޓުތަކަށް ބަހާލައިގެން ދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.