މީދޫގައި ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ އެޅުއްވުމާއިއެކު ގެދޮރުއެޅުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެކަމަށާއި މިމަޝްރޫޢުގެ ތެރެއިން މީދޫގައި 200 ހައުސިންގ ޔުނިޓް އަޅުއްވާނެކަމަށް ރައީސް ވިދާޅުވީ މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ..
ނިލަންދެއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ މީދޫގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތައް ނިންމަވައިދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވަނީ ފުއްދޭނެކަމުގެ ޔަޤީންކަމާއިއެކުގައި ކަމަށާއި އެވަޢުދުތައް އިޙްލާސްތެރިކަމާއިއެކު ފުއްދައިދިނުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. މިގޮތުން މީދޫ ބަނދަރު އެންމެ ޒަމާނީ ފެންވަރަށް, ޖާގަ ބޮޑުކޮށް, ތަރަޢްޤީކޮށްދެއްވާނެކަމަށާއި މީދޫގެ ހެލްތްސެންޓަރުގައި އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީދޫގެ ރައްޔިތުން އެދިލައްވާފައިވާ ކަންކަން ކޮށްދޭނެކަމުގެ ޔަޤީންކަންދެއްވަމުން ރައީސް ވިދާޅުވީ ކުޑަކުދިންނަށް ޕާކުތައް ތަރައްީކުރުމާއި ޒުވާނުންނަށް އެކި ކުޅިވަރުކުޅޭނެ ދަނޑުތައް ޤާއިމްކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަންކަން ކަމުގައެވެ