ކުއްލި ހާލަތުގައި ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އެންމެ ގިނައިން ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ސީ އެމްބިއުލާންސް ބޭނުންކޮށްގެންނެވެ. އެއީ 2259 ފަހަރުއެވެ. ދެން އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ އަމިއްލަ ފަރާތްތަކުގެ ލޯންޗުތަކުގައެވެ. އެގޮތުން 1083 ފަހަރަކު އަމިއްލަ ލޯންޗުފަހަރުގައި ބަލިމީހުން އުފުލާފައިވެއެވެ.
ދެން އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ ޝެޑިއުލް ފުލައިޓުތަކުގައެވެ. އެގޮތުން ޝެޑިއުލް ފުލައިޓުތަކުގައި 743 ފަހަރު ބަލިމީހުން އުފުލާފައިވާކަން އާސަންދައިގެ ހިސާބުތަކުން ފެނެއެވެ.
އޭގެ ފަހަށް އެންމެ ގިނައިން ބަލިމީހުން އުފުލާފައިވަނީ ޗާޓަރު ފުލައިޓުތަކުގައެވެ. ޗާޓަރު ފުލައިޓުތަކުގައި 743 ފަހަރެއްގެ މަތިން ބަލިމީހުން އުފުލާފައިވެއެވެ. އަދި ޗާޓާކޮށްގެން ސީ ޕްލޭނުގައި އެއް ފަހަރު ބަލިމީހުން އުފުލާފައިވެއެވެ.
ބަލިމީހުން އުފުލުމަށް ކަމުގައި ބުނެ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާބޯޓުގައި ބަލިމީހުން އުފުލާފައިވަނީ 92 ފަހަރުކަމަށް އާސަންދައިން ހިއްސާކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.
އަދި އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލިމީހުން އުފުލާފައިވަނީ އެންމެ 35 ފަހަރުއެވެ.
ޗާޓަރު ފުލައިޓުތަކާއި ޝެޑިއުލު ފުލައިޓުތަކުގައި ބަލިމީހުން އުފުލަންޖެހުމުން އެއާލައިންތަކުގެ ޝެޑިއުލު އޮންނަ ގޮތުން އެކަމަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރެއްވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
އެ ވައުދުފުޅާ އެއްގޮތަަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ޚިދުމަތްވަނީ ތައާރަފުކޮށްފައެވެ. އެ ޚިދުމަތް ތައާރަފުކުރީ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއްގައި އެއާ އެމްބިއުލާންސްއެއްގައި ހުންނަންޖެހޭ މެޑިކަލް އިކުއިޕްމެންޓު ހަރުކުރުމާއެކު މަތިންދާބޯޓަށް ގެންނަންޖެހޭ އެހެނިހެން ބަދަލުތައްވެސް ގެނެސްގެންނެވެ.