“އާމްދަނީގެ ގޮތުގައި ފެނަކަ އަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ. 120 މިލިއަން ރުފިޔާގެ ތެރެއިން 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް މިދެނީ. އޮޕަރޭޝަންސްތަކަށް ވެސް ބޭނުން ވާނެ ފައިސާ. އެހެންވީމަ މިއަދު ހާލަތަކީ މިއީ،” މުއާޒްގެ ވާހަކަ ފައްޓަވަމުން ވިދާޅުވިއެވެ.
“މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މެއިންޓަނެންސް އަށް އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ސަބަބު ވަރަށް ސާފު. ބޭނުމަކީ ޖެންސެޓްތައް ގަތުން، ޖެންސެޓްތައް ހުސްވީމަ ގެންދާ އުސޫލުން ޖެންސެޓުތައް ގަނެފައި ބޮޑު ވިޔަފާރިއަކަށް ހަދާލާފައި އޮތީ،” މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ “ހަރަދު ފޮތުން” މެއިންޓަނެންސް އަށް ނުވަތަ ސާވިސް އަށް އަހަރަކު 100 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ދައްކާ ކަމަށެވެ. އެކަމަކު، މި ހުރިހާ ޖެންސެޓުތައް ހުންނަނީ ހަލާކުވެފައި ކަމުގައި މުއާޒް ވިދާޅުވިއެވެ.
“ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާތަކާއި ރޭޑިއޭޓަރަށް އަޅަން ބޭނުން ކުރާ ބައެއް ލިކުއިޑްތައް މިދިޔަ ފަސް އަހަރުގެ ތެރޭގައި ނުގަނޭ. އެހެންވީމަ ނަތީޖާއަކީ ހުރިހާ ރޭޑިއޭޓަރުތަކެއް މިވަނީ މިވަގުތު ހުރީ ހަލާކުވެފައި. މާނައަކީ މިސާލަކަށް 600 ގެ ޖެންސެޓަކަށް ލޯޑެއް ނުހިފެހެއްޓޭ. 600 އަށް ނުދޭ ލޯޑެއް އަރައިގެން. 300 ގައި މިއުޅެނީ ލޯޑް. އެހެންވީމަ އަޅުގަނޑުމެންނަށް މަޖުބޫރު ވަނީ އަނެއްކާ އާ އެއްޗެއް ގަންނަން،” މުއާޒް ވިދާޅުވިއެވެ.