އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު މިއަދު އާންމުކޮށް، އީސީއިން ކުރި އިއުލާނެއްގައި ވަނީ، އެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓް، އެ ކޮމިޝަނުގެ ވެބްސައިޓް، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
މީގެއިތުރުން VR ޖަހާފައި ހުސްޖާގައެއް ބޭއްވުމަށްފަހު އައިޑީކާޑު ނަމްބަރު 1414 އަށް އެސްއެމްއެސް ކުރުމުން އެ މީހަކު ރަޖިސްޓްރީވެފައިވާ ތަނެއް ބެލޭނެ ކަމަށް ވެސް އީސީން ބުންޏެވެ.
ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.