ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ފަންސާހަކަށް ބިން ނުހައްގުން ދޫކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ، ހުޅުމާލެ އިން ދޫކުރި ބިންތަކުގެ ތެރެއިން 100-300 އެއްހާ އަދަދެއްގެ ބިން ގެއްލިގެން އުޅޭ ވާހަކަ ބައެއް ނޫސްތަކުގެ ސުރުހީތަކުން ފެނިވަޑައިގެންނެވި ކަމަށާއި އެހެންވެ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ހުޅުމާލެ އިން ދޫކުރި ބިންތަކަށްވީ ގޮތެއް ބެއްލުން ކަމަށެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ވަނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 އަދި ހުޅުމާލެ 3 ގެ އިތުރުން ނުހިއްކައި އޮތް ބިމުން ވެސް 50 ވަރަކަށް ބިން އެކި ފަރާތްތަކަށް ދީ ނިންމާފައި ކަމަށެވެ. ވިޔަފާރި އުސޫލުންނާއި ނުހައްގުން ދީފައިވާ އެ ބިންތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ފަޒުލް ވިދާޅުވި އެވެ.
“ހުޅުމާލޭގެ އެކަކާއި ދެޔަކާއި އަދި ނުހިއްކާ އޮތް ތަނުން ގާތްގަނޑަކަށް 50 އަކަށް ބިން މި އޮތީ އެކި މީހުންނަށް ހަލާސް ކޮށްލާފައި. [އެޗްޑީސީގެ އެމްޑީގެ މަގާމާ] ހަވާލުވީއިރުގައި ވިޔަފާރީގެ އުސޫލުންނާއި އަދި ނުހައްގުން ދީފައި ހުރި. މިއަދު ވެސް އެބަހުރި. މި ވާހަކަ ދައްކަން އެބަޖެހޭ،” ފަޒުލް ވިދާޅުވި އެވެ.