ރ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒް ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގައި އެކި ރަށްރަށް ވަޑައިގެން އެމަނިކުފާނު ވަނީ ރައްޔިތުންނާއި ކައުންސިލްތަކާއި ބައްދަލުކުރެއްވުމުގައި ރެކޯޑް ހައްދަވާފައި ކަމަށެވެ.
ގިނަ ރަށްތަކެއްގެ ކައުންސިލްތަކާއި ބައްދަލުކުރުމުގެ ބޭނުންފުޅަކީ ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރެއްވުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކާއި ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ގޮތް އަމިއްލަ ކަންފަތްޕުޅުން އަޑުއައްސަވައި އެކަންކަމާއި ގުޅިގެން ގެންނަވަން ޖެހޭ ބަދަލުތައް ވަގުތުން ވަގުތަށް ގެނެސްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
“ރާއްޖޭގެ ރައީސްއަކު ވެރިކަންކުރުމުގައި ރައްޔިތުން ބައިވެރިވުމާއި ރައްޔިތުންގެ ފިކުރާއި ހިޔާލު ހޯއްދަވައިގެން އަދި ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްތަކުގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން މިހާ ބޮޑަށް ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި ވެރިކަން ކުރަމުންދާތަނެއް ހަމަ ޔަގީނުން ވެސް ތާރީހުގައި ފެނިފައެއް ނެތް. އެކަމުން އެނގިގެންދަނީ ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވަނީ ރައްޔިތުންގެ އިހްސާސްތަކާއި ރައްޔިތުންނެ ވިންދާ އެއްގޮތަށްކަން.” އާދަމް ޝަރީފް ވިދާޅުވިއެވެ.