ފުއާދު “އެކްސް” ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފުއާދު ވިދާޅުވީ އެ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމީ އެއީ ރޯދަމަސް ނިމިގެން 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ. އަދި އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އާދިއްތަ ދުވަހެއްގައި ބާއްވަން ނިންމާފައިވާތީ، އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވަމުންދަނިކޮށެވެ.
މީގެ ކުރިން އީސީން މި އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާރިޗް 17 ވަނަ ދުވަހެެވެ.
ނަމަވެސް މަޖިލީހުގެ އިންތިހާބު ފަސްކުރުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފައެވެ.
މިއާއެކު އީސީން ވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބެހޭ ހާއްސަ ޖަލްސާއެއް މިރޭ ބާއްވާ އޭޕްރިލް 21 ގައި އިންތިހާބު ބާއްވަން ނިންމާފައެވެ.