ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން އެ ބަދަލުގެ ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ ގާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފެވެ. އެކަން މިއަދު ސުޕްރީމް ކޯޓުން ވެސް ޔަގީން ކޮށްދީފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުމާ ގުޅިގެން، ރޯދަ މަސް ތެރޭ އިންތިހާބު ބޭއްވުން މަނާކޮށް ފާސްކޮށްފައިވާ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރުމާ މެދު ރައީސް ވަނީ ބަންޑާރަ ނައިބުގެ ގާނޫނީ ލަފާއަކަށް އެދިވަޑައިގެންފަ އެވެ.
އުޝާމް ވިދާޅުވީ މިއަދު ރައީސަށް އެކަމާ ގުޅޭ ގޮތުން ލަފާ އަރުވާނެ ކަމަށެވެ.
“ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. އަޅުގަނޑު ރައީސަށް ގާނޫނީ ލަދާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،” ބަންޑާރަ ނައިބު ވިދާޅުވި އެވެ.