ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފަށައިފި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރެއިން އެ މަނިކުފާނުގެ އެންމެ އިސް އެއް ވައުދެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްލާފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް 8-200 މަރުކާގެ ބޯޓުގައި ފަށާ އެ ހިދުމަތާ އެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ހިދުމަތް ލިބޭނެ އެވެ.
މިނިސްޓްރީން ބުނީ މިހާރު މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއާ ކޯޑިނޭޓްކުރުމުގެ އިންތިޒާމު ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ގާއިމުކުރެވޭނެ ކަމަށެވެ.