ރައީސް ވިދާޅުވި ގޮތުގައި މިކަންކަން ކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާނެ ބަޔަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ. މަޖިލިހުގެ ތެރެއިން ބަޖެޓު ފާސް ކުރާ އިރުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ތިބުމުގެ މުހިންމު ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް އެ އިޝާރާތް ކުރެއްވީ މި އަހަރަށް ލަފާކޮށް، މަޖިލިހުގެ މެޖޯރިޓީ މިހާރު އޮތް އެމްޑީޕީން ބަޖެޓު ފާސްކޮށްފައި އޮތް ގޮތުން ހިނގަމުންދާ މަޝްރޫއުތަކަށް އެކަށީގެންވާ ފައިސާ ބަޖެޓުގައި ހިމަނާފައި ނުވާ ވާހަކައެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހޮވަން ރައްޔިތުންނަށް ލިބޭ ފުރުސަތުގައި މިކަމަށް ވިސްނައި މުހިންމު މަސައްކަތްތައް ކުރެވޭނެ ގޮތަށް މަޖިލިހަށް މެމްބަރުން ހޮއްވަވައި ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
“ހަގީގަތުގައި މިއީ ތަރައްގީވެފައިވާ ނޫނީ ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި މާ އުނދަގޫ ކަމެއް ނޫން. ކޮންމެ ޕާޓީއަކުން މީހަކު ހޮވިފައި ހުއްޓަސް އެ ދާއިރާއަކަށް ކުރިއެރުން އަންނަ ނަމަ، ގައުމަށް ކުރިއެރުން އަންނަ ނަމަ، އެއްބާރުލުން ދޭ ގިނަ ތަރައްގީވެފައި ހުރި ބޮޑެތި ގައުމުތަކުގައި،” ރައީސް ވިދާޅުވިއެވެ.