ސިޔާސީ މަގުސަދެއްގައި ފިތުނަފަސާދަ އުފައްދަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމަށް މިސަރުކާރުން ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް، މުއިއްޒު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވިލިގިންޔަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި އެކީ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައްޔިތުންގެ ތަނަވަން އަގުލަބިއްޔަތަކުން މިސަރުކާރު ވެރިކަމަށް އައީ، ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދީ، ގައުމަށް ބަދަލެއް ގެނައުމަށް ކަމަށެވެ.
މިޖަލްސާގައި އަދުރޭ ވަނީ މި ސަރުކާރާއި އެހެން ސަރުކާރުތަކާއި އޮތް ތަފާތު ވެސް ވަރަށް ތަފްސީލްކޮށް ހިއްސާ ކޮށްދީފައެވެ. އެގޮތުން އަދުރޭ ވިދާޅުވީ، އެހެން ސަރުކާރުތަކުން ރައްޔިތުންނަށް ބޭނުންވާ އަދި ގައުމަށް ބޭނުންވާ ބޮޑެތި މަޝްރޫއުތައް ހިންގަނީ އެބައެއްގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް ކަމަށާއި ނަމަވެސް ރައީސް މުއިއްޒު މިހާރު ވެސް ގެންދަވަނީ ބޮޑެތި މަޝްރޫއުތައް ހިންގަމުން ކަމަށެވެ.