ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަޑަވެލި ފަދަ މަސްވެރިކަމުގައި ކުރިއަރާފައިވާ ރަށަކަށް ޖާގަ އިތުރުވެގެން ދިޔުން މުހިންމު ކަމަށެވެ.
އެހެންކަމުން މިއަދު އެރަށުގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ޔަގީންކަން ދެއްވި ފަދައިން ރައީސް ޑރ.މުއިއްޒު ވަނީ ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ ބަނދަރެއް ހަދާނެ ކަމުގެ ޔަގީން ރަށުގެ ރައްޔިތުންނަށް އަރުވާފައެވެ.
“އަޅުގަނޑު މިއަދު ކައުންސިލް ބައްދަލުވުމުގައި ވެސް ޔަގީންކަން ދިން ފަދައިން ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ މިއީ. އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުން ބޭނުންވާ ފެންވަރުގެ ރަނގަޅު ބޮޑު ބަނދަރެއް ހަދާނަން. އެހެންވީމަ މި އަންނަ އަހަރުގެ ބަޖެޓަށް އެކަން ހިމަނައިގެން ކުރިއަށް ގެންދެވޭނެ މަގެއް ފަހި ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެއަށްވުރެ އަވަހަށް އެކަން ކުރެވޭނެ ގޮތެއް އޮތް ނަމަވެސް އުސޫލު ތަކުގެ ތެރެއިން އެކަމަށް މަސައްކަތް ފަށާނެ ވާހަކަ ދަންނަވަން.” ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.