“އިކޯ ޓޫރިޒަމް މަޝްރޫއު ވެގެން ދާނީ މި ކަމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި. ސަރުކާރުގެ ވައުދުގެ ތެރޭގައި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިމެނޭ ކަމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތު ދައްކުވައިދޭ ކަމެއް،” ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ދަށުން، ރާއްޖޭގައި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް، އެ ތަންތަނަށް ޓޫރިސްޓުންނަށް ދެވޭނެ ގޮތްތައް ފަހިކޮށްދޭނެ އެވެ. އަދި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން، ތިމާވެއްޓަށް އިސްކަންދޭ މިންގަނޑަކުން މިންކުރުމަކީ އެ މަޝްރޫއުގައި ހިމެނޭ ބައެކެވެ.
އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިރޭގެ ރަސްމިއްޔާތުގައި ވިދާޅުވީ، ތިމާވެށި އަދި ސަގާފީ ގޮތުން ވެސް ރާއްޖޭގައި އިސްކަންދޭ ސަރަހައްދުތައް ހުރި އިރު އެ ތަންތަން ޓޫރިސްޓުންނަށް ދައްކައި، މަގުބޫލު ސަރަހައްދުތަކަށް ހެދުމަށް އިކޯ ޓޫރިޒަމް ޕްރޮގްރާމުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.