ރައީސް ވިދާޅުވި ގޮތުގައި 120 ބިލިއަން ދަރަނީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ކުދި ކުންފުނިތައް ބޭނުންކޮށްގެން މަސައްކަތް ކުރުވާފައި ނުދައްކާ އަދަދު ވެސް ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ އަށް އަރައެވެ. އަދި މި ސަރުކާރުގެ މިދިޔަ ތިން މަސް ދުވަހުގެ މައިގަނޑު މަސައްކަތަކަށްވެފައި އޮތީ އެ ދަރަނިތައް ދައްކަން ފެށުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މިއީކީ އަޅުގަނޑުމެން އައިސްގެން އަލަށް ދައްކަން ޖެހިފައި ހުރި ފައިސާއެއް ނޫން. މިއަދު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ފަރާތްތަކުން ދައްކާ ވާހަކަ، ދައްކާ ގޮތުން މި ހީވަނީ އަޅުގަނޑުމެން އައި ފަހުން ތަންތަނަށް ދައްކަން ޖެހި، ދަރާފައި ހުރި ފައިސާތަކެއް ކަމަށް. އެހެނެއް ނޫން ކަން އޮތީކީ. މި ދެންނެވި ފައިސާ ނުދައްކާ އޮތީމަ، ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައި އޮތީ،”
“މި ދެންނެވި ނުވަ ބިލިއަން ރުފިޔާގެ ތެރެއިން އެކިއެކި ކުންފުނިތަކާއި އާންމު ކުންފުނިތަކަށް ދައްކައިފިން. އެކި މިނިސްޓްރީތަކުން ވެސް އެ ދަނީ އެގޮތަށް ހުރި ޕެންޑިން ބިލްތައް، ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދައްކައި ހަލާސް ކުރަމުން. ބައެއް މިނިސްޓަރުން ޖަލްސާތަކުގައި ދަނީ އެގޮތަށް ވިދާޅުވަމުން،” ރައީސް ވިދާޅުވިއެވެ.