ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއު މިސްރުގެ ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ މި ބްރިޖަކީ އެ ސިޓީގެ މީހުންގެ ދިގުލައިގެން ގޮސްފައިވާ ހުވަފެނެއް ކަމަށެވެ. މި ހުވަފެން ހަގީގަތަކަށް ވާ މަންޒަރު މި ފެނުނީ އަދި ކިރިޔާ ކަމަށާއި މިއީ އޭނާގެ ސިޔާސީ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސް ކަމަށް ނިޒާރު ވިދާޅުވި އެވެ.
އެ ޖަލްސާގައި ރައީސް އާއި މިނިސްޓަރުންނާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ނިޒާރު ވިދާޅުވި ގޮތުގައި، އެ ބްރިޖުގެ ވާހަކައަކީ ކޮންމެ މީހަކަށް ދައްކަން ކެރުނު ވާހަކައެއް ނޫނެވެ. އެ ބްރިޖުގެ ވާހަކަ ދައްކަން ނުކެރެނީ އޭގެ ދިގުމިނާއި ހަރަދާ މެދުގައި ވިސްނާފަ އެވެ. އެހެންވެ، ހާއްސަކޮށް ސިޔާސީ މީހުންގެ ތެރެއިން މަދު މީހަކަށް ނޫނީ އެ ބްރިޖުގެ ވާހަކަ ދައްކަން ކެރިފައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.