އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން “ހަފްތާ 14” ގައި ޕްލޭން ކުރި ގިނަ ކަންކަން ފުރިހަމަކޮށް، ބާކީ ކުރަން ހުރި ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަން ފާހަގަ ކުރައްވައި، މިހާރު މިއޮތީ އެ އެއްބާރުލުން ދެއްވަން ޖެހޭ ދަނޑިވަޅު އައިސްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އެ އިޝަރާތް ކުރެއްވީ އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށެވެ. ރައީސްގެ ވާހަކަފުޅުގައި މަޖިލިހުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަން މިހާރު މަޖިލިހުގައި ހިނގަމުންދާ ކަންކަމުން ސާފުވާ ކަމަށް ވިދާޅުވިއެވެ.