މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިސްނެންގެވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެސިޓީ ކައުންސިލާއި އެޗްޑީީސީ, ކަސްޓަމްސް, އެމްޓީސީސީ, ހައުސިންގ މިނިސްޓްރީ އަދި ވެމްކޯއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމް މިއަދު ވަނީ ފަށާފައެވެ.
މިޕްރޮގްރާމްގައި ބައިވެރިވާ މުވައްސަސާތައް ހިމެނޭހެން “އާބަން ޓްރެފިކް ޑިކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ” އެއް އުފައްދައި ކުރުރާސްތާ އަދި ދުރުރާސްތާގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ވަނީ ޕްލޭނެއް އެކުލަވާލާފައެވެ.
މިގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ތެރޭގައި, މާލެއާއި ހުޅުމާލޭގައި ބޭނުން ނުކޮށް މަގުމަތީގައި ބަހައްޓާފައިވާ, “އުޅަނދެއްގެ ގޮތުގައި ނުބެލެވޭ” ވަރަށް ހަލާކުވެފައިވާ އުޅަނދުތަކުގެ ބައިތައް މަގުތަކުން ނެގުމާއި, އަމިއްލައަށް އެދިގެން ވެހިކަލްތައް ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހަމަޖައްސައި ދިނުމާއި, މާލެއާއި ހުޅުމާލޭގައި ގިނަދުވަސް ވަންދެން ބަހައްޓާފައި ހުންނަ ވެހިކަލްތައް ޓޯވް ކޮށް ނައްތާލުމާއި ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައިވާ އުޅަނދުތައް މަގުމަތިން ނެގުން ހިމެެނެއެވެ.