“ނެޝަނަލް ތެލަސީމިއާ ކޮންފަރެންސް 2024” ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށް ދެއްވައި، އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުން އެކުލަވާލި “ހަފްތާ 14” ގެ ތެރޭގައި ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދީގެން ވަރަށް ގިނަ ކަންތައްތަކެއް އެކުލެވި، މިހާރު ފެށިގެންދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އެގޮތުން، ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް، މާލެ ސަރަޙައްދުގައި އަޅަން ކެބިނެޓުން ނިންމުމަށްފަހުގައި، ހުޅުމާލެ، ދެވަނަ ފިޔަވަހިން 71،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖައްސާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
“އެ ހޮސްޕިޓަލް އެޅުމަށްޓަކައި ބޭނުންވާނެ ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަން، މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އޭގެ އަމަލީ މަސައްކަތް ފެށިގެން ދާނެ.” ނައިބު ރައީސް ވިދާޅުވިއެވެ.