ރާއްޖެއަށް ކުރިމަތިވެފައި ހުރި މާލީ އަދި އިޤުތިޞާދީ ގޮންޖެހުންތަކާއެކުވެސް އެމަނިކުފާނުގެ އަމާޒަކީ ދިވެހިރާއްޖެއަށް ލިބިފައިވާ އެސެޓުތައް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް އެކަށީގެންވާ މުހުތަރަމު ދިރިއުޅުމެއް ހޯދައިދެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ދުބާއީގެ ބުރުޖުލް ޢަރަބުގައި ކުރިއަށްދާ އިންވެސްޓުމެންޓު ފޯރަމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީވަމުން އަންނަ އިޤުތިޞާދެއްގެ ހައިސިއްޔަތުން އަދި ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެފައި ހުރީ ގިނަގުނަ ގޮންޖެހުންތަކެއް ކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ބާޒާރުން ފައިސާ ލިބުމުގައި ހުރި ދަތިކަމާއި، އުމްރާނީ ތަރައްޤީއަށް އިންވެސްޓުކޮށްގެން ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހޭދައިގެ ބޮޑުކަމަކީ ގޮންޖެހުންތަކެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.