ސިއްހީ ފައިދާތަކެއް ލިބޭނެ ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރު ކުރާތީ މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ އޮތޯރިޓީ އިން ބުނެފައިވަނީ ރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ކާބޯތަކެތީގެ އިޝްތިހާރުތަކުގައި، ޞިއްޙީ އެތައް މަންފާއެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ.
އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓެއް ނުވަތަ ރެފަރަލް ލެބޯޓަރީއަކުން ދޫކޮށްފައިވާ “ސެޓްފިކެޓް އޮފް އެނަލައިސިސް” އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބައެއް ބޭނުންކުރުމަކީ “ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު” ގެ ދަށުން މަނާކަމެއް ކަމަށެވެ.
މީގެއިތުރުން، އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރު ކުރުމަކީ ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް އޮތޯރިޓީން ޢާންމުކޮށްފައިވާ ނޫސްބަޔާން ގައި ވެސް ވަނީ ހާމަކޮށްފައެެވެ.
ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މަޢުލޫމާތަކީ، ޢިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މަޢުލޫމާތަށް ވާންޖެހޭ ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މިފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ޞިއްޙީ ފައިދާ ޢިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، މިފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް ޢާންމު ރައްޔިތުންނަށް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.