މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އިތުރަށް މަތިކުރުމުގެ ގޮތުން “ސްމާޓް ޑްރޯ” ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަން މެދުވެރިކޮށެވެ. މީގެ މަޤްސަދަކީ އެކްސިޑެންޓުތަކުގެ ތަހުގީގުތައް ހިންގާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހޯދޭ ހެކިތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ.
“ސްމާޓް ޑްރޯ” އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރެކެވެ. މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވެއެވެ.
މީގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް މި ސޮފްޓްވެއަރގައި ހިމެނެއެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއަރއިން ލިބިގެންދެއެވެ. މިކަމުގެ ސަބަބުން އެކްސިޑެންޓުތަކުގެ ތަހުގީގުތައް އަވަސްވެ، ހެކިބަސް ދިނުމާއި ހެކި ހުށަހެޅުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ފުލުހުން ބުނެ އެވެ.