އަންހެން ކުދިން ބާރުވެރިކުރުވުމަކީ ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ފަސްޓް ޅޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، މުޖުތަމައުތައް ބިނާކުރުމާއި، އައު އީޖާދުތައް ތައާރަފުކުރުމުގެ އިތުރުން ހެޔޮ އިޖުތިމާއީ ބަދަލުތައް ގެނައުމުގައި އަންހެން ކުދިން މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ވަރުގަދަ، ސާބިތު މުޖުތަމައެއް ބިނާކުރުމަށްޓަކައި އެކުދިންގެ އަޑާއި، ހުނަރާއި، ލީޑަޝިޕްގެ ބޭނުން ހިފުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
“އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލެއް ނޫން، އެއީ މުޅި ގައުމުގެ މުސްތަގުބަލާ ވެސް ސީދާ ގޮތުން ގުޅިފައިވާ ކަމެއް. އެގޮތުން ތައުލީމީ ދާއިރާއާއި، އާންމު ހިދުމަތްތަކާއި، ވިޔަފާރިއާއި، ކުޅިވަރުގެ އިތުރުން މުޖުތަމައުގެ އިސް ސަފުތަކުގައި އަންހެން ކުދިންނާއި ޒުވާން އަންހެނުން ދައްކަމުންދާ ނަމޫނާއަކީ ގައުމީ ފެންވަރުގައި ފަހުރުވެރިކަމާއެކު ބަލައިގަންނަ ކަންކަން.” ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ހަމައެއާއެކު، އަންހެން ކުދިން މުޖުތަމައަށް ކޮށްދެމުންދާ އަގުހުރި ހިދުމަތްތަކާއި އެކުދިން ހޯދަމުން އަންނަ ފާހަގަކޮށްލެވޭ ކާމިޔާބީތަކަކީ، ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީކޮށް ކުރިއެރުވުމުގައި ވަރަށް މުހިންމު ބާރެއް ކަމުގައިވެސް ފަސްޓް ޅޭޑީ ސާޖިދާ މުހައްމަދު ވަނީ ފާހަގަކުރައްވާފައެވެ.