ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާކަމަށް އެ ގައުމުގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފަ ވަނީ ރާއްޖެއާއި މެލޭޝިއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމަށް ފަހު މީޑިއާއަށް ދެއްވި ބަޔާނުގައެވެ.
މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އެދިފައިވާ އެދުމާމެދު ރައީސް މުއިއްޒު މަޝްވަރާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަކަށް މިކަމުގެ އުސޫލުތައް އެކުލަވާލައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މި އެއްބަސްވުމަށް އަމަލީ ސިފައެއް އަންނާނީ ދެ ގައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި ފުރިހަމަކުރަންޖެހޭ ފަންނީ މަސައްކަތްތަކަށް ފަހުގައި ކަން އެމަނިކުފާޏު ވަނީ ފާހަގަކުރައްވާފައެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ކުރަށްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ހަރުދަނާވެ، މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.