މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޭ-ލެވެލްއަށް ކިޔަވާ ކުދިންގެ ނިސްބަތް ދަށްވި ނަމަވެސް، މިހާރު އެ ނިސްބަތް 50 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޭ-ލެވެލްއަށް ކިޔަވާ ކުދިންގެ ނިސްބަތް ދަށްވި ނަމަވެސް، މިހާރު އެ ނިސްބަތް 50 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އޭ-ލެވެލްގައި ކިޔަވަމުންދިޔައީ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދެއްގެ ދަރިވަރުންނެވެ.
“ކުރީގައި 30 އަކަަށް އިންސައްތަ، 40 އަކަށް އިންސައްތަ ގާތްކުރާ ވަރަކަށް އޮތް ހަޔަރ އެޑިއުކޭޝަން، މިހާރު 50 އާ ގާތްކުރާ މިންވަރަށް ދަނީ މަތިވަމުން.”
މީގެއިތުރުން މިނިސްޓަރު ޝަފީއު ވިދާޅުވީ، މާލޭ ވޮކޭޝަނަލް ސްކޫލް މެދުވެރިކޮށް ފުރުސަތުތައް ފުޅާކޮށް، އޭ-ލެވެލް ކިޔަވާ ކުދިންގެ ނިސްބަތް 60 އިންސައްތައަށް މަތިކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.މިނިސްޓަރު ޝަފީއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ބަދަލުތައް ގެންނަމުންދާ ކަމަށެވެ.އެގޮތުން، އަންނަ އަހަރު ގްރޭޑް 1 އަކުން 3 އަކަށް (ކީ ސްޓޭޖް 1) ބޭނުންކުރާ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ހަމައެކަނި ފޮތްތަކަށް ބަދަލު ގެނެސްގެން ތައުލީމީ ނިޒާމު ބަދަލުނުކުރެވޭނެ ކަމަށާއި، އެކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޓީޗަރުންކަން އޭނާ ފާހަގަކުރެއްވިއެވެ.