މާލޭގެ މަގުތަކުގެ ދަތުރުފަތުރާއި ތޮއްޖެހުމުގެ މައްސަލަތައް ޒަމާނީ ވަސީލަތްތަކާއެކު ބެލެހެއްޓުމަށްޓަކައި ހާއްސަ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް، އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.މަގުތައް ހަދާއިރު ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށާއި، މާލެއަކީ ވެހިކަލް ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރެވިފައިވާ ޒޯނަކަށް ބަދަލުކުރަނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
“ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯންއަކަށް ހަދައިގެން ނޫންގޮތަކަށް ދެން މި މައްސަލައަށް ހައްލު ހޯދަން ދަތިވާނެ”
ވަޒީރު ސައީދު ހާމަކުރެއްވި ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބައްޓަންކޮށްފައިވަނީ އާންމުންނާއި، ވިޔަފާރިވެރިން އަދި ދައުލަތުގެ ގިނަ އިދާރާތަކަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުއެވެ. މި ގާނޫނުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި، މާލެއަކީ ވެހިކަލް ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރެވިފައިވާ ޒޯނަކަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.