ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި 12 ޑިސެމްބަރު 2024ގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ސުވާލުކުރުމަށް ފުލުހުން ފޮނުވި ޗިޓާ ހަވާލުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންކާރު ކުރައްވައިފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް ބޭނުންތެރި މައުލޫމާތުތަކަކަށް ވާތީ، އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންކަން ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.
މި ހާދިސާ ހިނގާފައިވަނީ 12 ޑިސެމްބަރު 2024 ގައެވެ. އެ ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި، ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ހުރަވީ ބިލްޑިންގުގެ ބޮޑު ބައެއް އަނދައި، ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތަކާއި ވަސީލަތްތައް ވަނީ ހަލާކުވެފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ބޭރުގެ ފޮރެންސިކް މާހިރުން ގުޅިގެން ހިންގި ތަހުގީގަށް ފަހު ހޯމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަލިފާން ރޯވާން ދިމާވީ އިމާރާތުގެ ބައުވުމުގެ ސަބަބުން ދިމާވި ކަރަންޓު ޝޯޓަކުންނެވެ.